ބަންގްލަދޭޝްގެ ކާރުޚާނާއެއްގައި އަނެއްކާވެސް ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގާ، ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. އިއްޔެ ރޭ ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ 10 މީހުންނެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލަގްޒަރީ ފަންކާ އުފެއްދުމުގެ މަސައްކަތް ކުރާ ކާރުޚާނާއެއްގައެވެ. މި ތަން ހުންނަނީ ބަންގަލްދޭޝްގެ ވެރިކަން ކުރާ ޑާކާގެ ބޭރުގައި އޮންނަ އަވަށެއްކަމުގައިވާ ގާޒީޕޫރުގައެވެ.
ނޫސްތަކަށް މައުލޫމާތު ދެމުން އެޤައުމުގެ ފަޔަރ ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއްކަމުގައިވާ މުމުނުރު ރާޝިދު ބުނީ މަރުވި 10 މީހުންގެ ހަށިގަނޑު ހޯދުނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުންކަމުގައެވެ. އަދި އިތުރު އެތައް ބަޔަކަށް އަނިޔާވިކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް، އެއީ ކިހާ މީހުންކަމެއް ހާމަކޮށްފައި ނުވެއެވެ.
"އޭއެފްޕީ" ނޫސް އެޖެންސީ އަށް މައުލޫމާތު ދެމުން ފަޔަރ ޑިޕާޓްމަންޓްގެ ތަރުޖަމާނު ބުނީ، ކާރުޚާނާގެ ތެރެއިން އިތުރު މީހުންގެ ހަށިގަނޑު ފެނޭތޯ ކަމާ ބެހޭ ފަރާތްތަކުން އިތުރަށް މަސައްކަތް ކުރަމުންދާކަމުގައެވެ. އަދި، އަލިފާނުގެ ހާދިސާ ހިނގިއިރު، އެތަނުގެ ތެރޭގައި ތިބީ ކިތައް މީހުންކަން ސާފު ނުވާކަމަށްވެސް ބުންޏެވެ.
ބަންގްލަދޭޝްގެ މިފަދަ ކާރުޚާނާތަކުގައި މިފަދަ އަލިފާނުގެ ޙާދިސާތައް ހިނގުމަކީ ވަރަށް އާއްމު ކަމެކެވެ. ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުރި މިފަދަ ފެކްޓްރީތަކުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާ، އެތައް ބައެއްގެ ފުރާނެ ގެއްލިފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިކަންކަން ހައްލު ކުރަން އެކަށޭނެ ގަވާއިދުތައް ހަދާ، ތަންފީޛު ކުރަމުން ނުދާކަމުގައެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުވެސް، ޑާކާ ކައިރީގައި ހުރި ޕްލާސްޓިކް ފެކްޓްރީ އެއްގައި ރޯވެ، 15 މީހުން މަރުވެފައިވެއެވެ.