ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ހަތަރު އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ސަރަޙައްދަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރުފަހު 15:00 އާ ނިޔަލަށެވެ.
24 ގަޑިއިރުގެ މުއްދަތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައެވެ.
ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މި 24 ގަޑިއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަށް ގަދަވާނެއިރު، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައިވެސް ގަދަވާނެއެވެ.