ރަށްތައް ތަރައްގީ ކުރާއިރު ރައްޔިތުންގެ ވިސްނުމާ ފިކުރު ބަލަންޖެހޭ: ރައީސް

ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.


‎މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގިނަ އަދަދެއްގެ ކައުންސިލަރުންގެ ބައިވެރިވުން ފެނިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ބަޖެޓް ތަންފީޒު ކުރެވެމުންދާއިރު، މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.


‎"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރައްވާފައެވެ. ޤާނޫނު އަސާސީއަށް ގެނައި މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ ދާއިރާތައް ހިންގުމަށް އަންނަ ބޮޑު ބަދަލުގެ ތެރެއިން އިދާރީ ދާއިރާތަކުގެ ހިންގުމުގައި ކުރިމަތިވެދާނެ ގިނަ ގޮންޖެހުންތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ކައުންސިލްތަކަށް އަލަށް ލިބިގެންދާ ބާރުތަކާއި އިޙްތިޔާރުތަކުގެ އިތުރުން ކައުންސިލްތަކަށް އެކަށައެޅޭ ބަޖެޓުގެ ތެރެއިން ދާއިރާގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމުގައި ކުރިމަތިވެދާނެ ބައެއް ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިފައިވެއެވެ.


‎މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އެއްތަނަކުން ހޯދޭނެގޮތަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާޙު ކޮށްފައެވެ. މިއަދުން ފެށިގެން މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގައި ކުރިޔަށްގެންދާ އެންމެހާ މަޝްރޫޢުތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ލިބެން ހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެންމެން ގުޅިގެން ތަރައްޤީގެ މަގުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
‎މި ބައްދަލުވުމުގެ ސެޝަންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް، ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ސެޝަންތަކުގެ އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ