މިއަދު ހަވީރު ހދ.ވައިކަރަދޫގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ބޯ ފެޅިފައިވާއިރު، ދެވަނަ މީހާވެސް އިތުރު ފަރުވާއަށް ކުޅުންދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފައްޓައިފިއެވެ.
މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހާލު ސީރިއަސްވެ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހާގެ ބޯވަނީ ފަޅައިގެން ގޮސްފައިވާކަމަށާއި، އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
އަދި ދެވަނަ މީހާއަށް ވައިކަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދާއިރު، އޭނާވެސް އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިހާދިސާއާއި އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވާފިރު މިނޫހަށް ވިދާޅުވީ، އެރަށު ސުލައިމާނިއްޔާ ސްކޫލް ކަންމަތިން ދެސައިކަލެއްޖެހި މިއަދު ހަވީރު ހިނގި މިއެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާކަމަށެވެ.