ޗައިނާ އިން އެދިގެން ކަޝްމީރު މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އިންޑިޔާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޙާލަތު ދަށަށް ގޮސްފައިވުމުގެ ސަބަބުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް، މި މައްސަލައާ ގުޅިގެން ބޭއްވުން ހުށަހަޅާފައިވަނީ ޗައިނާ އިންނެވެ.

ޑިޕްލޮމެޓުންނާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ކަޝްމީރުގެ މައްސަލައިގައި ބޭއްވުމަށް ނިންމާފައިވަނީ ސިއްރު ބައްދަލުވުމެއްކަމުގައެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކަޝްމީރުގެ އިންޓަނެޓު ޚިދުމަތް ވަނީ ކަނޑާލާފައެވެ. އަދި މުޅި ސަރަޙައްދުވަނީ އެއްކޮށް ބަންދުކޮށް، އިންޑިޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަޝްމީރަކީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަޙައްދެއްކަމުގައިވާއިރު، އިންޑިޔާގެ ވެރިކަން ކުރާ ހިންދޫ އިންގެ ސަރުކާރުންވަނީ، ކަޝްމީރަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިއްބައިދޭ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލާފައެވެ. މިކަމާ ގުޅިގެން ކަޝްމީރުގެ ރައްޔިތުން ވަރަށް ގަދައަށް ނުރުހުން ފާޅުކޮސްފައިވާއިރު، އެފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.

ޕާކިސްތާނުންވެސް މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ބަޔާންކޮށް، ޕާކިސްތާނުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ސިޓީއެއް ހުށަހަޅާފައެވެ. އެޤައުމުގެ ފޮރިން މިނިސްޓަރު، ޝާހު މަހްމޫދު ގުރޭޝީ ވިދާޅުވެފައިވަނީ ހާލަތު އިތުރަށް ގޯސްވުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތްކަމުގައެވެ.

މި ސިޓީއަށް ރިއާޔަތްކޮށް ޗައިނާގެ އދ. މިޝަން އިން ބުނެފައިވަނީ ޕާކިސްތާނުން ފާހަގަކުރި ކަންކަން އިތުރަށް ފާހަގަކޮށް، ޖާމޫ އަދި ކަޝްމީރު މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުށަހަޅާފައިވާކަމަށެވެ.

މީގެ ކުރިން އޯގަސްޓު މަހުގެ ތެރޭގައިވެސް ކަޝްމީރު މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ