ޕާކިސްތާނުގައި ވެރިކަން ކުރި ޕަރްވޭޒް މުޝައްރަފަށް މަރުގެ ޙުކުމް އިއްވައިފި

ޕާކިސްތާނުގެ ކުރީގެ މިލިޓަރީ ޑިކްޓޭޓަރު، ޕަރްވޭޒް މުޝައްރަފުގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިއެވެ. މުޝައްރަފުގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވަނީ އޭނާއަށް ކޮށްފައިވާ މަތީ ފަންތީގެ ޤައުމަށް ޣައްދާރުވުމުގެ ދައުވާ ސާބިތުވުމުންނެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޯޓަކުން މުޝައްރަފުގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އަމިއްލައަށް އަރުވާލެވިގެން އޭނާ އުޅެމުން ދަނީ ދުބާއީގައެވެ. އަމިއްލައަށް އަރުވާލެވުނީ ބޭސްފަރުވާއަށް އެޤައުމަށް ފޮނުވާލުމުންނެވެ.

ޤައުމަށް ޣައްދާރުވުމުގެ ކުށް، އޭނާ ކޮށްފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޤާނޫނު އަސާސީ ސަސްޕެންޑްކޮށް، ޤާނޫނު އަސާސީއަށް އަމަލު ކުރުން މަޑު ޖައްސާލާ، ކުއްލި ހާލަތް އިއުލާން ކުރުމުންނެވެ.

އެހެންނަމަވެސް، މުޝައްރަފު ވަނީ މި ދައުވާތަކަށް އިންކާރު ކޮށްފައެވެ. އުމުރުން 76 އަހަރުގެ މުޝައްރަފު، ހޮސްޕިޓަލުގެ އެނދެއްގައި އޮވެގެން ރިކޯޑު ކޮށްފައިވާ ވީޑިޔޯ މެސެޖެއްގައި ބުނަނީ ބަޔާން ދޭން ތައްޔާރަށް ހުރިކަމަށާއި، ކޯޓުގެ ފަނޑުޔާރުން އެތަނަށް ގޮސް އޭނާ ދައްކާ ވާހަކަ އަހަން އެދޭކަމުގައެވެ. އަދި ނިންމުމެއް ނިންމާއިރު، އޭނާގެ ސިއްހަތަށް ރިއާޔަތް ކުރުމަށްވެސް އެދިފައިވެއެވެ.

މުޝައްރަފުގެ މައްޗަށް މި މައްސަލައިގެ ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރު، ނަވާޒް ޝަރީފުގެ ވެރިކަމުގައެވެ. ޚާއްޞަ ކޯޓުގައި މި މައްސަލަ ފެށީ 2014 ވަނަ އަހަރުއެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ