މުސްލިމުންނަށް ތަފާތުކޮށް، އިންޑިޔާގެ ޤާނޫނަކަށް ގެނައި އިސްލާހަކާ ގުޅިގެން އެޤައުމުގައިވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން އެންމެ ވަރުގަދައަށް މުޒާހަރާ ކޮށްފައިވަނީ ދިއްލީގެ ޖާމިއާ މިލިއާ އިސްލާމިއާ ޔުނިވަރސިޓީގެ ކައިރީގައެވެ.
މުޒާހަރާތަކާ ގުޅިގެން ދިއްލީ ފުލުހުންވެސް މިހާރުވަނީ ވާހަކަ ދައްކާފައެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުން ބުނެފައިވާ ގޮތުގައި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެއްވެސް ގޮތަކަށް އަސްލު ވަޒަން ބޭނުންކޮށްފައި ނުވެއެވެ. އެފަރާތްތަކުން އިތުރަށް ބުނެފައިވަނީ މި މުޒާހަރާތަކަކީ ވަރަށް ރޭވިގެން ކުރިއަށް ދިޔަ ކަންކަންކަމަށާއި، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ 10 މީހުންނަކީވެސް ކުށުގެ ރިކޯޑް އޮންނަ މީހުންކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ބުނެފައިވަނީ އަސްލު ވަޒަން އަރައިގެން، މުޒާހަރާގެ ބައިވެރިން، އެތަންތަނަށް ފަރުވާ ދިނުމަށް ގެންދެވުނުކަމަށެވެ.
ސަފްދަރުޖުންގ ހޮސްޕިޓަލުގެ އިސް ފަރާތަކާ ހަވާލާދީ "އެންޑީޓީވީ" އިން ބުނެފައިވަނީ މެޔަށް ވަޒަން އަރައިގެން އައި މީހަކަށް އެހޮސްޕިޓަލުން ފަރުވާ ދިންކަމަށާއި އަދި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމުގައެވެ.
ހޯލީ ފެމިލީ ހޮސްޕިޓަލުން ބުނެފައިވަނީ މީހެއްގެ ވައަތު ފަޔަށް ވަޒަން އަރައިގެން އެހޮސްޕިޓަލަށް މީހަކު ގެންދެވުންކަމުގައެވެ.
ހޮސްޕިޓަލްތަކުން މިހެން ބުނާއިރު، ފުލުހުން ދައްކާ ވާހަކައާ، މި ވާހަކަތަކާ ދިމާ ނުވެއެވެ.