އަޙްމަދު ފާއިޒް ޙުސައިން - ފޮޓޯ: ވީނިއުސް

ސުޕްރީމް ކޯޓަށް އަޙްމަދު ފާއިޒް ޢައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިން ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދު އެދެފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ހދ. ވައިކަރަދޫ ވައިޖެހޭގެ އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިން ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުވައިފިންކަމަށެވެ.

އަޙްމަދު ފާއިޒް އަކީ ކުރީގެ އުއްތަމަ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ވެހިރާއްޖޭގެ ސްޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލައި، އެ ކޯޓަށް އައްޔަންކުރެއްވި 7 ފަނޑިޔާރުންގެ ތެރޭގައިވެސް އަޙްމަދު ފާއިޒް ހިމެނިވަޑައިގަންނަވައެވެ.

އަދި 10 އޯގަސްޓް 2010 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން އުއްތަމަ ފަނޑިޔާރުގެ ގޮތުގައި އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިން، ހަމަޖެއްސިއެވެ. ނަމަވެސް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވައި، 11 ޑިސެންބަރު 2014 ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް 5 (ފަހެއް) ފަނޑިޔާރުން  ކަމުގައި ހަމަޖެހުނެވެ.

ދިވެިރާއްޖޭގެ ކޯޓުތަކަށް 2014 ވަނަ އަހަރު މި ގެނައި ބަދަލާއެކު އަޙްމަދު ފާއިޒް ޙުސައިން އުއްތަމަ ފަނޑިޔާރުގެ މަޤާމުން ވަކިކުރެވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ