ޔާމީންގެ މައްޗަށް ހުކުމް އިއްވި ވަގުތު އެމަނިކުފާނުގެ ޓީމް - ފޮޓޯ: އަވަސް

ކަފާލާތުގެ ދަށުން ރައީސް ޔާމީން ޖަލުން ދޫކޮށްލަން ހުށަހަޅައިފި

މިވަގުތު ޖަލުގައި ހުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ކަފާލާތުގެ ދަށުން" ޖަލުން މިނިވަން ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ހުށަހެޅިކަން، ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.

ޖަމީލު ވިދާޅުވީ، ކަފާލާތުގެ ދަށުން ޖަލުން މިނިވަން ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ޙައްޤުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ އެ ފުރުޞަތު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 މައްސަލަ (މަނީ ލޯންޑަރިންގެ ދައުވާގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވެ މައްސަލަ)، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖަލުން ނެރުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ހުއްޓުމެއްނެތި ކުރަމުންދާއިރު، ހައިކޯޓަށް ހުށަހެޅި ހުށަހެޅުމަކީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ކަމެއް ނުވަތަ މިނިވަންކުރަން ހުށަހެޅި، ހުށަހެޅުމެއްކަން އަދި ވަނީ ކަށަވަރު ކުރެވޭގޮތް ނުވެފައެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށް ލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ