މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ 22:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
"މި އޮޕަރޭޝަނުގައި، ހުޅުމާލޭ ފުލެޓް ކައިރިން މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު" ފުލުހުން ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުތަޙުޤީޤު ކުރަމުންނެވެ.