އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ، ބައެއް ޤައުމުތަކުގެ މުސްލިމުންނަށް އެޤައުމުގެ ރަށްވެހިކަން ނުލިބޭ އިސްލާހަށް އަމަލު ކުރުން މަޑު ޖައްސާލަން ހުކުމް ކުރަން ނުފެންނަކަމަށް، އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
އެޤައުމުގެ އެންމެ މަތީ ކޯޓުން މިހެން ނިންމާފައިވަނީ، މި އިސްލާހާ ދެކޮޅަށް އެކޯޓަށް ހުށަހެޅި ޕެޓިޝަންތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމުގައެވެ. އެހެންނަމަވެސް، އަންނަ މަހުގެ 22 ވަނަ ދުވަހު، މި މައްސަލައިގެ އެހެން އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފައެވެ.
މި އިސްލާހާ ގުޅިގެން އިންޑިޔާގެ ގިނަ ސަރަޙައްދުތަކެއްގައި މިހާރުވެސް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާއިރު، ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އެޤައުމުގައި ކުރިއަށްދާ މުޒާހަރާތައްވަނީ އިތުރަށް ވަރުގަދަ ވެފައެވެ.
ނޫސް އެޖެންސީތަކުން ބުނާގޮތުގައި އިންޑިޔާގެ ކްރިމިނަލް ޕްރޮސީޖަރ ކޯޑުގެ 144 ވަނަ މާއްދާއިން ފުލުހުންނަށް ލިބިދެވޭ ބާރުގެ ބޭނުންކޮށް، ނިއު ދިއްލީގެ އިރު އުތުރު ސަރަޙައްދުގައި އެއްވެސް ބާވަތެއްގެ އެއްވުމަށް ނުބޭއްވޭގޮތަށް އެސަރަޙައްދުގައި ދަނީ ފޯރި މަރަމުންނެވެ. މި އުސޫލުގައިވާގޮތުން، ފަސް މީހުންނަށްވުރެ ގިނަ މީހުންނަށް އެތަނުގައި އެއްވެ ނުތިބެވޭނެއެވެ.
މި މައްސަލައާ ގުޅިގެން އިންޑިޔާގެ އިދިކޮޅު ލީޑަރުން ވަނީ އެޤައުމުގެ ރައީސް ރާމް ނާތު ކޮވިންދް އާ ބައްދަލު ކުރައްވާފައެވެ. ސޯނިޔާ ގާންދީ އިސްވެ ހުންނަވައިގެން ރައީސްއާ ބައްދަލު ކުރައްވާ، އަންހެން ދަރިވަރުންގެ ދަނާލުތަކަށް ވަދެ، އެތަންތަނުން ކުދިން ނެރެ ހެދުމުން ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.