ފުލުހުންގެ މަޑުއްވަރީގައި ހިންގި ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

މަޑުއްވަރީ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކޮއްފި

މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދަމުންދާ ހާއްސަ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކޮއްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ސިފައިންނާއި، ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާލުވެފައެވެ. މި އޮޕަރޭޝަން މިއަދު އެރަށުގައި ފަށާފައިވާ އިރު އެރަށުގެ ބައެއް ގެތައް ދަނީ ބަލާ ފާސްކުރަމުންނެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބުނެ މީޑިއާގައިވެސް ދާދި ފަހުން ވަނީ އެ ވާހަކަތައް އާންމުވެފައެވެ. އެގޮތުން މި މައްސަލަތައް ފެންމަތިވެފައިވަނީ ދާދީ ފަހުން ލަނޑާ ނަގާ ދޯންޏެއްގައި ވަރަށް ބޮޑަށް ޒަހަމް ކޮށްލި ހަމްމާދުގެ މައްސަލައިގެ ތެރެއިންނެވެ. މި ހާދިސާގައި ހަންމާދު ވަނީ ކަނޑަށް ފުއްމާލައި އެތާކައިރީ އޮތް ރަށަކަށްއަރާ ފަރުވާ ހޯދާފައެވެ.

މި މައްސަލައިގެ ތެރެއިން އޭނާ ކޯޓުންބޭރުން 13 އަހަރުގެ ކުއްޖަކާއި ކައިވެނި ކޮށްގެން އުޅޭ މައްސަލަ ފެންމަތިވެ ސަރުކާރުން އެ މައްސަލަ ވަނީ ބަލަން ފަށާފައެވެ. އެގޮތުން ކުޑަކުއްޖާގެ އާއިލާގައި ހިމެނޭ ހުރިހާ ކުދިން މިހާރު ވަނީ ދަޢުލާތުގެ ބެލުމުގެ ދަށަށް ނަގާފައެވެ. އަދި ހަންމާދުވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނާއި ގުޅިގެން ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް ރާއްޖޭގައި ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއިއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ