ކުޅުދުއްފުށީގައި މޯބައިލް ފޯން ވިއްކާ ފިހާރައެއް ރޭ ދަންވަރު ފަޅާލައި ފޯނުތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުންބުނީ މިމައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ ރޭ ފަތިހު 05:45 ހާއިރު ކަމަށެވެ. އަދި މި ވައްކަމާއި ގުޅިގެން ސީސީޓީވީ ފުޓޭޖް ބަލައިގެން ފުލުހުންކުރި މަސައްކަތުން ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރެހެނެކެވެ. އަދި ވަގަށްނަގައިފައިވާ ފޯނުތައް ފުލުހުންވަނީ މިހާރު ހޯދައިފައެވެ. މި ފޯނުތަކުގެ ތެރެއިން އެއްފޯނު ފުލުހުން ހޯދައިފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީއަކަށް ވިއްކާލައިފައި ވަނިކޮށެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.