ކުޅުދުއްފުށީ ގެއަކުން ސިމެންތި ކޮތަޅުތަކަކާއި ރޭނުމުގެ މަސައްކަތް ކުރާ ސާމާނުތަކެއް ވަގަށް ނެގި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ކުޅުދުއްފުށީ ގެއަކުން ސިމެންތި ކޮތަޅުތަކަކާއި ރޭނުމުގެ މަސައްކަތް ކުރާ ސާމާނުތަކެއް ވަގަށް ނަގައިގެން ޑިސެމްބަރ 11 ވަނަދުވަހު ފުލުހުންނަށް ހުށައަޅައިފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ޑިސެމްބަރ 15 ވަނަދުވަހު ވައްކަން ކުރިކަމަށް ލަފާކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުންވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެމީހާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެގެއިން ގެލިފައިވާ ތަކެތި ފޮރުވާފައިހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.
"މި މައްސަލައާއި ގުޅިގެން އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.