އޮސްޓްރޭލިޔާ އަށް ހޫނުގަދަވެގެން ކުއްލި ޙާލަތު އިއުލާން ކޮށްފި

ހޫނުގަދަވުމުގެ ސަބަބުން އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ސަރަޙައްދަށް ކުއްލި ޙާލަތު އިއުލާން ކޮށްފިއެވެ. މި ސަރަޙައްދު އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާއިރު، ޖަންގަލިތަކުގައި ރޯވެ ދަނީ އަނދަމުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ހޫނުގަދަ ދުވަހަކީ އިއްޔެއެވެ. އެގޮތުން، ނިއު ސައުތު ވޭލްސް ސަރަޙައްދުގެ ފިނިހޫނުމިން އިއްޔެ ހުރީ 41.9 ޑިގްރީ ސެލްސިއަސްގައެވެ.

މީގެ މަސްތަކެއް ކުރިން ފެށިގެން މި ސަރަޙައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ. ކުއްލި ހާލަތު އިއުލާން ކުރުމާއެކު އެފަރާތްތަކަށްވަނީ އިތުރު ވަސީލަތްތަކާއި ބާރުތައް ލިބިގެން ގޮސްފައެވެ.

ހަތް ދުވަހަށް ކުއްލި ހާލަތު އިއުލާން ކޮސްފައިވާއިރު، މިހާރުވެސް ވަނީ އަލިފާނުގެ ސަބަބުން ހަ މީހަކު މަރުވެ، އެތައް ސަތޭކަ ގެއެއް އަނދާ އަޅިއަށްވެ، އެތައް މިލިއަން ހެކްޓަރެއްގެ ބިން އެއްކޮށް އަނދާފައެވެ.

ކަމުގެ މާހިރުން ބުނާގޮތުގައި އޮސްޓްރޭލިޔާ އަށް ހޫނުވުމުގެ އެންމެ ބޮޑު ސަބަބަކީ ޕޮޒިޓިވް އިންޑިއަން އޯޝަން ޑައިޕޯލް އެވެ. މިއީ ކަނޑުގެ ހުޅަނގު ފަޅި ހޫނުވެފައި، އިރުމަތި ފަރާތް ފިނިވުމުގެ ހާލަތެކެވެ.

އޮސްޓްރޭލިޔާ އަށް މިފަދަ ހާލަތެއް ކުރިމަތިވެފައި އޮއްވާ، އެޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ޗުއްޓީ އަށް ޤައުމުން ބޭރަށް ވަޑައިގެންނެވުމުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ