ފުލުހުންގެ ބަންދުގައި މިވަގުތު ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިހާރުން މިހާރަށް ދޫކޮށްލެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
އަލްހާން ފަހުމީގެ ކެމްޕޭން ލޯންްޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ޑިމޮކްރެސީއޭ ކިޔައިގެން، އިންސާނީ ހަމަތަކާއި، އުސޫލްތަކާއި، ތަރައްގީއާއި، މިނިވަންކަމާއި، އިސްތިގުލުގެ ވާހަކަަދައްކާއިރު، ވަރަށް ރަނގަޅަށް މައިކްރޯ ލެވެލްއާއި ހަމައަށް ވިސްނާލަން ޖެހޭކަމަށެވެ.
"ވިސްނާލާއިރު ފެންނަނީ ކޮން މަަންޒަރެއްތޯ؟ ދައްކާ ވާހަކައާއި ކުރާ ކަންތައްކާއި ދިމާވޭތޯ؟ މިއީ ސުވާލެއް އަޅުގަނޑު މި ކުރަނީ އަޅުގަނޑު ނުދަންނަވަން ދިމާނުއެކޭ. އަޅުގަނޑު ނުދަންނަން ދިމާވެއެކޭވެސް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެހެންތޯއޭ މި ދަނީ". ގާސިމް ވިދާޅުވިއެެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ، އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރަމުން ކުރަމުން އައިސް އަޑުއަހަން ޖެހިފައި މިވަނީ، ޖަލަށް ލާ މީހުން ވާނުވާ ޖަހާ ވާހަކަ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންގުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"މިއަދުގެ ސަގާފަތަކަށް މި ވަނީ ވެރިކަންކޮށްފިއްޔާ ކޮންމެ މީހަކުވެސް އެބަ ޖެހޭ ޖަލަށް ލާން، ވާނުވާ ޖަހާފައި. މިއީ ކޮންކަމެއްތޯ. ކޮން ކުޅިގަނޑެއްތޯ މިއީ. އެހެންވީމަ އަޅުގަނޑު ގޮވާލަން މި ބޭނުންވަނީ އަބްދުﷲ ޔާމީން އެހެން ވާނުވާ ޖަހާފައި ޖަލުގައި ނުބޭންދޭނެއޭ. ދޫކުރައްވާށޭ މިހާރުން މިހާރަށް،" ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއްކޮށްގެން އެމަނިކުފާނުގެ މައްޗަށްކުށް ސާބިތުވެއްޖެ ނަމަ ދެން އެމަނިކުފާނު ޖަލަށް ލުމުގައި މައްސަލައެއް ނެތް ކަމަށްވެސް ގާސިމް މިރޭ ވިދާޅުވިއެވެ.