ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީންވެސް، ޕްރޮގްރެސިވް ކޯލިޝަންއިން ވާދަކުރާ ބައެއް ދާއިރާތަކަށް ތާއިދު ކުރަން ނިންމައިފިއެވެ.
މިރޭ ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ 32 ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށެވެ.
އެކަން އިއުލާން ކުރެއްވީ ޖޭޕީގެ މައި އޮފީސް މ. ކުނޫޒް ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
ޖުމްހޫރީ ޕާޓީއިން ޖުމްލަ 51 ދާއިރާއަށް ވާދަކުރާއިރު އޭގެ ތެރެއިން 37 ކެންޑިޑޭޓުންނަށް ރައީސް ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަން ވެސް ވަނީ ތާއިދުކޮށްފައެވެ.
ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ އެގޮތަށް އެއްބަސްވެފައިވަނީ މަޖިލިސް އިންތިހާބުގައި ދެ ފަރާތަށް ވެސް ވީއެންމެ ގިނަ ގޮނޑިތަކެއް ހޯދުމަށް ބޭނުންވާތީ ކަމަށާއި، އެގޮތަށް މަޝްވަރާ ކުރެވި އެއްބަސްވީ ރައީސް ޔާމީން ޖަލަށް ގެންދިޔުމުގެ ކުރިން ކަމަށެވެ.
ޖުމްހޫރީ ޕާޓީއިން ތާއިދުކުރަން ނިންމާފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ހިމެނެއެވެ.
ޖުމްހޫރީ ޕާޓީއިން ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެންޑިޑޭޓަކަށް ތާއިދުކުރާއިރު އެ ދެ ޕާޓިއިން ވެސް 14 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެ އެވެ.