އިންތިޚާބަށް އިއުލާންކޮށް، އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކަށް ބަދަލުގެންނަނަމަ އިންތިޚާބު ހަރާބު ވެދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބަށް ޢިއުލާން ކުރުމަށްފަހު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުން ހުއްޓުވުން ޖެހޭ ކަމަށެވެ.
"އެހެން ނޫނީ އިންތިޚާބުތައް ހަރާބުވެގެން ހިނގައިދާނެ" އީސީގެ މެންބަރު އަކްރަމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަކްރަމް މިހެން ވިދާޅުވިއިރު، މަޖިލިސް އިންތިޚާބަށް އިއުލާން ކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަދި ރައްޔިތުންގެ މަޖިލީހުންވެސް އިންތިޚާބާ ގުޅުންހުރި ޤާނޫނަށް ބަދަލުގެނެސްފައިވެއެވެ.
އެގޮތުން ބަލާއިރު، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިޚާބުތަކާބެހޭ ޤާނޫނުގައި އޮތް މާއްދާ ސްޕްރީމް ކޯޓުން ވަނީ ބާޠިލްކޮށް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް އީސީއަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން ވޯޓް ކަރުދާހުގައި ފާހަގަ ފިޔަވާ އެހެން އެއްޗެއް ކުރަހައިފިނަމަ، ވޯޓް ބާޠިލްވާގޮތަށްވެސް މަޖިލީހުން ވަނީ އިސްލާހެއް ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.