ތ.ތިމަރަފުށީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ތިމަރަފުށީގައި ހިނގި ވޭން އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ، އިތުރު ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައު މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ލޭންޑް ކުރާނީ މެންދުރުފަހު 14:15 ގައި ކަމަށެވެ.
އެ އަންހެން މީހާ ހެލިކޮޕްޓަރުގައި މާލެ ގެނައުމަށް ހަމަޖެހިފައިވަނީ ތ.ވޭމަންޑޫއިން ކަމަށްވެސް އެންއެންޑީއެފް އިން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީމ ހިނގާފައި ދިޔަ އަންހެނެއް ގައިގައި ވޭނަކުންޖެހި މިއަދު ހެނދުނު 7:45 ހާއިރު ހިނގި މި އެކްސިޑެންޓްގައި ވޭނުން ޖެހުނު އަންހެން މީހާގެ ބޮލުގެ ތިން ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
52 އަހަރުގެ މި އަންހެން މީހާއަށް ތިމަރަފުށީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.