ވޯޓް ކަރުދާހުގައި ފާހަގަ ޖެހުން މަނާ ކުރުމުގެ ޤާނޫނު މިވަގުތު ތަސްދީގު ކުރުމާއި ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ވާހަކަދައްކަމުން ގެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ޤާނޫނު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވާފައިވާ ކަމަށެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް، 4 މާރިޗު 2019 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.
"އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 56 ވަނަ މާއްދާއަށް އިތުރު ކުރެވުނު 5 ވަނަ ނަންބަރުގައި ބުނެފައިވަނީ، "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު" ބާތިލުވާނެ ކަމަށެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
ރައީސް ޞޯލިޙް މި ޤާނޫނު ތަސްދީގު ކުރައްވާފައި މިވަނީ އިންތިޚާބަށް އިއުލާންކޮށް، އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކަށް ބަދަލުގެންނަނަމަ އިންތިޚާބު ހަރާބު ވެދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވެފައިވަނިކޮށެވެ.
އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބަށް ޢިއުލާން ކުރުމަށްފަހު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުން ހުއްޓުވުން ޖެހޭ ކަމަށެވެ.
"އެހެން ނޫނީ އިންތިޚާބުތައް ހަރާބުވެގެން ހިނގައިދާނެ" އަކްރަމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިންތިޚާބުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނައުމުން އިލެކްޝަންސް ކޮމިޝަނަށް ދަތިތަކާ ކުރިމަތިވާނެއެވެ.