ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަތުރަކީ ނުރައްކާތެރި ފިކުރުތަކެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ރަލުގެ ވިޔަފާރިން އިންތިހާއަށް ފައިދާ ބޮޑުވާނެކަމަށް ވިދާޅުވެ ނަޝީދު ރޭ ތޮއްޑޫގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށާއި، އެ ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިތުރަށް އިޔާޒް ވިދާޅުވީ، މިކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާއިރު، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ.
@MohamedNasheed fathuramun gendhaa fikuru thakaky inthihaa ah nurakkaatheri fikuru thakeh. Mi nurakkalun salaamaiy vumah enmen ekugai masakkaiy kuran jehey. Konme meehaku ves emeeheh ge fardhee zimmaa adhaa kuran jehey.
— Dr Mohamed Iyaz (@dr_iyaz) March 13, 2019
ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް މިހެން ވިދާޅުވިއިރު، އއ.އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗުކޮށްދެއްވައި ތޮއްޑޫގައި ވާޙަކަފުޅު ދައްކަވަމުން ވިދާޅުވީ، ރަލަކީ އޭގެން ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާވެ މުއްސަނދިވާނެ އެއްޗެއް ކަމަށެވެ.
"އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް މަސްތުވާތަކެއްޗަށް ހިތްވަރުދީ ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ދިވެހިންގެ ފާޑުކިޔުން
ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.