އެލްޖީއޭގެ އަންހެން މުވައްޒަފުންގެ މެޓަރނިޓީ ލީވް 6 މަހަށް، ފިރިހެން މުވައްޒަފުންގެ ޕެޓަރނިޓީ ލީވް 1 މަހަށް ހަމަޖައްސައިފި

ލޯކަލް ގަވަރމެންޓް އެތޯރިޓީ (އެލްޖީއޭ) ގެ އަންހެން މުވައްޒަފުންގެ މެޓަރނިޓީ ލީވް ހަމަސް ދުވަސް އަދި ފިރިހެން މުވައްޒަފުންގެ ޕެޓަރނިޓީ ލީވް އެއްމަސް ދުވަސް މުސާރައާއި އެކު ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވާއި އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނޭގޮތް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިގޮތުގެމަތީން އެލްޖީއޭ ގެ މުވައްޒަފުންނަށް 12 މާރޗް 2019 އިން ފެށިގެން މެޓަރނިޓީ އަދި ޕެޓަރނިޓީ ލީވް ދިނުމަށް ބޯޑުންވަނީ ނިންމާފައިކަމަށް އެލްޖީއޭ އިން މައުލޫމާތު ދެއެވެ.

އެލްޖީއޭ އިން ވިދާޅުވީ، އެ އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު އިސްލާހްކޮށް އާންމުކުރެވެންދެން މި ޗުއްޓީ ދިނުމުގައި އަމަލުކުރާނީ ދިވެހި ސިވިލްސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނަންބަރު: 2/2019 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމުގައި ކަމަށެވެ.

ސަރުކާރުގެ ގިނަ މުއައްސަސާ ތަކުން މިހާރު އަންހެން މުވައްޒަފުންގެ މެޓަރނިޓީ ލީވް ހަމަސް ދުވަސް އަދި ފިރިހެން މުވައްޒަފުންގެ ޕެޓަރނިޓީ ލީވް އެއްމަސް ދުވަސް މުސާރައާއި އެކު ލިބޭގޮތަށް ބަދަލުކުރައްވަމުން ދާކަން ފާހަގަ ކުރަމެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް