ބަޔަކު އިންސާނީ ޙައްޤުކަމަށް ކަނޑައަޅާހާ ކަމަކީ އިންސާނީ ޙައްޤު ނޫންކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ ފިޠުރަތުގެ ދީން ކަމަށާއި، ފިޠުރަތާ ޚިލާފަށް އިސްލާމްދީން އެއްވެސް ކަމެއް ހުއްދަ ނުކުރާނެ ކަމަށެވެ. ފަރުދީ އަދި ޖަމާޢަތުގެ ފެންވަރުގައިވެސް އެކަން އޮތީ އެގޮތަށް ކަމަށާއި، ފަރުދީ އަދި ޖަމާޢަތުގެ މަޞްލަޙަތުވެސް އޮތީ އެގޮތަށް ކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
"ބަޔަކު އިންސާނީ ޙައްޤެއް ކަމަށް ކަނޑައަޅާ ކޮންމެ ކަމަކީ އިންސާނީ ޙައްޤެއް ނޫން. އެފަދަ ބައެއް ކަންކަމަކީ ފިކުރީ އަޅުވެތިކަން. އިންސާނީ ޙައްޤުތަކަށް އަރައިގަތުން. ނުވަތަ އޭގެ ތެރެއިން ބައެއް ކަންކަމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ފާޙިޝު ޢަމަލަކަށް ވުމުގެ އިތުރުުން މުޅި އިންސާނީ ންސްލު ފަނާކޮށްލާ ފަދަ އަނިޔާވެރި ޢަމަލު." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ، އެއްޖިންސުން ކައިވެނި ކުރުމާއި، ގުޅުން ހިންގުމުގެ ނަތީޖާއަކީ މުޅި އިންސާނީ ނަސްލު މި ހަސްތީން ފުހެވިގެންދިއުން ކަމަށެވެ.
"ދެން ފަހެ، ތިމަންރަސްކަލާނގެ (އަޛާބުގެ) އަމުރުފުޅޫ އައިހިނދު، އެރަށުގެ މައްޗަށް އިތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލުފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ." ޖިންސީ ޣަރީޒާގައި ފިޠުރަތާ ޚީލާފުވި މީހުންގެ މައްޗަށް ﷲ ތަޢާލާ ފޮނުއްވި ގަދަފަދަ ޢަޛާބުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޙައްޤުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަނުކުރާ ވާހަކަތައް ދިވެހި މުޖުތަމަޢުގައި ދެކެވިގެން ނުވާނެ ކަމަށެވެ.
"އިންސާނާއަށް ލިބިގެންވާ މިނިވަންކަމަކީ، ވައިޖަހާފައި ފުއްޕާހަމެއް ދޫކޮށްލީމާ ދާ ބީދައިން އެއްވެސް ހިފެހެއްޓުމެއް، މިސްރާބެއްނެތި އިންސާނާގެ ޚިޔާލާއި ފިކުރު ބޭނުން ދިމާއަކަށް ދާން ދޫކޮށްލުމެއް ނޫން. ނަމަވެސް މިނިވަންކަމަކީ ފަޚުރުވެރިކަމާއެކު ވިހުރޭ ދިދައެއްހެން އެއްކޮޅު ގަދައަށް ބަނދެ، މުޅި ދިދަ ހޫރުވެން ދޫކޮށްލާފައިހުރުން ފަދަ ކަމެއް." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.