މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"މި ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 5 ބިދޭސީންނާއި 4 ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 1 ބިދޭސީ އަކާއި ދިވެއްސެއް." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލްމާ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް 3 ފޫޓު ހާތަން ފަޅައިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 2 މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ.