އެންމެ ދަތީ ކޯލިޝަނުގެ ބައިވެރިންނަށް ވަޒީފާ ދިނުމާއި ނުދިނުމަށް - ރައީސް

ގިނަ ލީޑަރުން އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެން ވެރިކަން ކުރައްވާއިރު، އެންމެ ދަތިވާ އެއް ކަމަކީ ކޯލިޝަނުގެ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ނުދިނުން ކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އުނދަގޫވި ކަންތަކެއްގެ ގޮތުގައި ދިމާވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް ވަޒީފާ ދިނުމާއި ވަޒީފާ ނުދިނުން ކަމަށާއި، ޕާޓީތަކުން ނަން ފޮނުވާ ބޭފުޅުންނަށް ވަޒީފާ ނުދީފިނަމަ ބައެއް ލީޑަރުން ޕޯޑިއަމްތަކުގައި ވެސް އެ ވާހަކަ ދައްކަވާ ކަމަށާއި ވަޒީފާއަށް މީހަކު ހަމަޖެއްސުމުން ރައްޔިތުން ކިބައިން ވެސް އެމަނިކުފާނަށް އެކަމުގެ ފާޑުކިޔުން އަމާޒުވާ ކަމަށެވެ.

"ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ބޭފުޅުންނަށް ވަޒީފާ ދިނުމަށް އެދޭ. ވަޒީފާ ނުދެވޭ ކޮންމެ ފަހަރަކު ހިތްހަމަ ނުޖެހުން އާދޭ. މީހަކު މަގާމަށް އައްޔަން ކުރުމުން ފާޑުކިޔުން އަމާޒުވާ. މިއީ ހައްލު ކުރުމަށް އަޅުގަނޑަށް ދިމާވި އެންމެ ދަތިކަމަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމަށް މިވީ 90 ދުވަހުގެ ތެރޭގައި ކުރެއްވުނު އެންމެ ހިތްހަމަ ޖެހޭ ކަމަކީ، ވިހެއުމުން ދޭ ޗުއްޓީ ނޫނީ މެޓާނިޓީ ލީވް އަންހެން މުވައްޒަފުންނަށް ހަ މަސް ދުވަހަށް އަދި ފިރިހެނުންނަށް 30 ދުވަސް ކަމުގައި ހަމަޖައްސަވައި ދެއްވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނަށް ކޮށްދެއްވުނު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ކިޔަވަންދާ ދަރިވަރުންނަށް ދޭ ލުއިލޯނުގެ އިންޓަރެސްޓް ކުޑަކުރެއްވުމެވެ. މި ކަންތައްތަކަކީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ