ނޫސްވެރިން އަދާކުރަނީ ދީނީ އަދި ޤައުމީ ވާޖިބެއް – ޚުޠުބާ

ނޫސްވެރިން އަދާކުރަނީ ވަރަށް ބޮޑު ދީނީ އަދި ޤައުމީ ވާޛިބެއް ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ދުނިޔެ މިވަނީ ހުޅުވާލެވިފައި ކަމަށާއި، ކިތަންމެ ދުރުގައި ހިނގާކަމެއްވެސް ކުޑައިރުކޮޅެއްގެ ތެރޭގައި މީސްތަކުންނާ ހަމައަށް އަންނަކަމަށް އަދި އެއީ މީސްމީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަބަބުން އެކަން ހިންގާ މަގުކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ހުޅުވާލެވިފައިވާ ދުނިޔޭގައި ޚަބަރު ފެތުރޭ ވަސީލަތްތަކުގެ ސަބަބުން ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށާއި، ނަމަވެސް މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް މުޖުތަމަޢުގެ މަޞްލަޙަތާއި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ނޫސްވެރިންނާއި ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާކުރަމުން އެދަނީ ވަރަށް ބޮޑު ދީނީ އަދި ޤައުމީ ވާޖިބެއް. މީސްތަކުންނަށް ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުވުމުގެ ޒިންމާ. ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާ މިވަނީ ވަރަށް ބޮޑުވެފައި." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އެކި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި، އެފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ސަބަބުން އިންސާނުންނަށް ކުރިމަތިލާންޖެހުނު މުޞީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި އައިސްފައިވާކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ދޮގު ވާހަކަ ދެއްކުމާއި، ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ﷲ، ދޮގުހެދުން ޙަރާމް ކުރައްވާފައިވާ ކަމަށާއި، ދޫ ރައްކާތެރިކުރުމަށް އަންގަވާފައިވާ ކަމަށާއި، ނެތިމޮށުމާއި ޣީބަބުނުން ނަހީކުރައްވާފައިވާ ކަމަށް އަދި ޔޫލަޔޯލަ ވާހަކަތައް ދެއްކުން މަނާކުރައްވާފައިވާކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ތަނަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވެއެވެ." މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އިންސާނާ ދައްކާ ވާހަކައާއި، އެހެން މީހުންނަށް ފޯރުކޮށްދޭ މަޢުލޫމާތުތައް ބިނާކުރަންޖެހޭނީ އިސްލާމީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ކަމަށާއި، އެހެންމީހުންނަށް ފޯރުކޮށްދޭ ޚަބަރާއި މަޢޫލޫމާތު ވާންޖެހޭނީ ތެދު ޙަޤީޤަތަށް ކަމަށް އަދި އޮޅުވާލުމެއް، ދޮގެއް ހިމެނިގެން ނުވާނެކަމަށް އަދި ފޯރުކޮށްދޭ ޚަބަރެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި، ކަރާމާތަށް ގެއްލުމެއް ލިބިގެން ނުވާނެކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައިވުމަށް ފުދެއެވެ." ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. މުޖުތަމަޢުގެ ތެރޭގައި ހިނގާ ކަންކަމުގެ މަޢުލޫމާތާއި ޚަބަރުތައް އެހެން މީހުންނަށް އަންގައިދީ، ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ