ކުޑަ ކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން ރިންގް ރޯޑްގައި ދުއްވި މަައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަކުއްޖާ ލައިފައި އިންނަނީ ސައިކަލު ވަށގަނޑު ތެރެ އަށެވެ. އަދި ސައިކަލު ދުއްވާފައި ދަނީ ފިރިހެނެކެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ސައިކަލު ވަށިގަނޑަށް ކުޑަކުއްޖެއް ލައިގެން ދުއްވާފައި ދިޔައީ ފުލުހެއް ކަމަށް ޔަގީންވެފައިވާ ކަމަށާއި، އެމައްސަލަ މިހާރު ފުލުހުން ބަލަމުން ދާ ކަމަށެވެ. އަދި ކުޑަކުއްޖެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ގޮތަކަށް ފުލުހަކު އަމަލުކުރި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާގެ ލައިސެންސް ހިފެހެއްޓުމުގެ މަސައްކަތް ޓްރާންސްޕޯޓު އޮތޯރިޓީ އާ ގުޅިގެން މިހާރު ކުރަމުން ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަމަށް އެންމެން ވެސް އިހުތިރާމްކޮށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.




