ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

މަޖިލިސް އިންތިޚާބުގެ ނަތީޖާ އާއި މެދު މައުމޫން ސުވާލު އުފައްދައިފި

ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ނަތީޖާ އާއި މެދު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ސުވާލު އުފައްދައިފިއެވެ.

މައުމޫންގެ ސަޕޯޓަރުންނާއެކު މިރޭ ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޢުމޫން ވިދާޅުވީ، މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރަން ކަމަށާއި ނަމަވެސް ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ އިންތިޚާބުގެ މާހައުލަކީ ނަޒާހަތްތެރި މާހައުލަކަށް ވެގެން ކަމަށެވެ.

"އެއާއި ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިޚާބެއްގެ ނަތީޖާ އަކީ ޙަޤީޤަތުގައި ތެދު ނަތީޖާ އަކަށް ނުވާނެ." މައުމޫން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު 20 ބޭފުޅުން ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމާއި، މައުމޫންގެ އަރިސް ބޭކަނބަލެއް ކަމަށްވާ ފާތިމަތު ނާދިރާ ވެސް ހިމެނިވަޑައިގަންނަވާއިރު، އިންތިޚާބު ކާމިޔާބު ކުރެވުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ.

މައުމޫން ވިދާޅުވީ އެމްއާރްއެމް އަކީ ކޯލިޝަންގެ ބައިވެރިއަކަށް ވީއިރު، އެމްއާރްއެމް އޮންނާނީ ކޯލިޝަންގެ ތެރޭގައި ކަމަށާއި، އެވާހަކަ ރައީސް ޞާލިހަށްވެސް ދަންވާފައި ވާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ ކަންކަން އިސްލާހް ކުރުމުގެ މަސައްކަތް އަދިވެސް ކުރަން ޖެހޭ ކަމަށާއި އިންތިޚާބުގެ ކަންކަން ވެސް މިއަށް ވުރެ ރަނގަޅަށް ދާނެ ގޮތައް ކަންކަން ރާވަން ޖެހޭ ކަމަށެވެ.

"ސިޔާސީ މައިދާނުގައި ވަކިކަމެއް ވުމުން އެއީ މަސައްކަތް ހުއްޓާލަން ޖެހޭ ކަމެއް ނޫން. އުއްމީދު ގެއްލުވާ ނުލައްވާ އަނެއްކާވެސް މަސައްކަތް ކުރައްވަންވީ." މައުމޫން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް