ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވަމުން އަންނައިރު، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެ ޚާއްޞަ މައްސަރަށް ތައްޔާރުވުމަށްޓަކައި ތަފާތު މަސައްކަތްތައް ކޮށް އުޅެއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތައްވެސް މިހާރަކަށް އައިސް ފުޅާ ދައުރެއް އަދާ ކުރެއެވެ.
ރަމަޟާން މަހުގެ ހަދިޔާއެއްގެ ގޮތުގައި ރ. އުނގޫފާރު ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލުން ހިންގަމުންދާ އިންޖީނުގެއިން ރަމަޟާން މަހު "މުޅިން ހިލޭ" ކަރަންޓުގެ ޚިދުމަތް ދިނުމަށެވެ.
އުނގޫފާރު ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ހިދުމަތް، ގޭބިސީތަކަށް ހިލޭ ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއިއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އުނގޫފާރު ކައުންސިލުން ރަށުގެ ހުރިހާ ގޭބީސީއަކަށް ހިލޭ ކަރަންޓު ދިނުމަށް ނިންމާފައިވަނީ، 06 މެއި 2019 އިން 2019 ޖޫން މަހުގެ ނިޔަލަށެވެ.
އުނގޫފާރު ކައުންސިލްއިން ވިދާޅުވީ، ހިލޭ ކަރަންޓް ފޯރުކޮށްދިން ނަމަވެސް ބޭކާރު ގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި، ބޭކާރު ގޮތުގައި ކަރަންޓް ބޭނުންނުކޮށް ވީވަރަކުން ކަރަންޓް މަދުންބޭނުން ކުރުމުގެ ވިސްނުން ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރަމަޟާން މަހު ރައްޔިތުންނަށް ހިލޭ ކަރަންޓު ފޯރުކޮށްދިނުމަށް ކުރިން އަހަރުތަކުގައި ކޮންމެ އަހަރަކު ފަސް ލައްކައެއްހާ ރުފިޔާ އެ ކައުންސިލުން ޚަރަދު ކޮށްފައިވާއިރު، މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭ ހަތަރު ވަނަ އަހަރެވެ.