އުމަރު ނަސީރު

"އުމަރު ވަޑައިގެން ރިޔާސީ ޓިކެޓަށްވެސް ވާދަކުރައްވަންވީ"

ސަރުކާރާ އިިދިކޮޅަށް މިހާރު މަސައްކަތް ކުރައްވަމުންދާ ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ވެސް އޮތީ ހުޅުވާލެވިފައި ކަމަށާއި، އުމަރު ނަސީރު އަދި ޑރ.ޖަމީލްވެސް ވަޑައިގަންނަވަންވީ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި ރައީސް ޔާމީން ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމް އާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އާ އެކުގައި ކުރައްވަމުން ގެންދަވާ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އަދުގެ ސިޔާސީ މަޝްރަހުން މިސާލު ދައްކަވަމުން އަދުރޭ ވިދާޅުވީ، ވެރިކަން ހޯއްދަވަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކޯލިޝަނުގެ ލީޑަރުންނަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަސް ވިދާޅުނުވާ ބޭފުޅުން ނޫން ކަމަށާއި، އެހެންކަމުން "ސިޔާސީ މައިދާނުގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށެވެ.

"ސިޔާސީ މައިދާނުގައި އުމަރު ނަސީރާއި، ޑރ.ޖަމީލާއި ރައީސް ޔާމީން އެކީގައި މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ އޮތީ ހުޅުވާލެވިފައި ކަމަށާއި، ވަޑައިގެން ޕާޓީގެ ލީޑަރަޝިޕަށް ވާދަކުރައްވަންވެސް ފުރުޞަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މަރުޚަބާ ކިޔަން، ކޮންމެ ބޭފުޅަކަށްވެސް މަރުޚަބާ ކިޔަން. ދެ ޕާޓީ އޮތީ ހުޅުވާލެވިފައި، ވަޑައިގަންނަވަންވީ، ވަޑައިގެން ހަމަ ވާދަކުރައްވަންވީ، ވާދަކުރައްވައިގެން ލީޑަރޝިޕަށްވެސް ވަޑައިގަންނަވަންވީ، އަދި ރިޔާސީ ޓިކެޓް ހޯއްދަވާ ހިސާބަށް ދިޔައީމަ އެކަމުގައިވެސް ޕާޓީގެ އުޞޫލުގެ ތެރެއިން މަސައްކަތް ކުރައްވަންވީ." އުމަރު ގުޅިވަޑައިގަތުމާ ގުޅުވައިގެން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމް ލީޑް ކުރެއްވުމާ ގުޅޭގޮތުން ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ރައީސް ޔާމީން ގޮތެއް ނިންމަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް