ގުރައިދޫ ގެސްޓުހައުސް އަކަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅުނު ޗައިނާގެ ފަތުރުވެރިއަކު މޫދަށް އެރި އޮޔާދަނިކޮށް ސަލާމަތް ކޮށްފިއެވެ.
ޗައިނާގެ މި ފަތުރުވެރިޔާ އޮޔާދަނިކޮށް ފެނިގެން ސަލާމަތް ކޮށްފައިވަނީ ކަނޑޫމާ ރިސޯޓްގެ ޑައިވިން ދޯންޏަކުންނެވެ. ބައެއް މީޑިއާތަކުން ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ ފަތުރުވެރިޔާ ދޯންޏަށް ނަގަން އުޅުމުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދުގައި އެ ފަތުރުވެރިޔާ އޮތީ ލައިފްޖެކެޓް އަޅައިގެންނެވެ.
މިހާދިސާ ހިނގާފައިވަނީ މިރޭ އިރުއޮއްސި 6:30 ހާއިރެވެ. މިހާދިސާ އާއި ގުޅިގެން ފުލުހުންވަނީ ގުރައިދޫގައި ހުންނަ ގެސްޓު ހައުސްއަށްގޮސް އެތަނުގެ މެނޭޖްމަންޓާއި ސުވާލުކޮށްފައެވެ.
ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މޫދަށް އެރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެެވެ.