މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއްސުޢޫދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލަން ފެށުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު ސްޕްރީމް ކޯޓަށް ހާޒިރުކުރެއްވުމާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަލްއުސްތާޛު ހުސްނުއް ސުޢޫދު ރާއްޖެޓީވީގެ ޕްރޮގްރާމްގައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅަކީ ފަނޑިޔާރުގެއިން އިންސާފުނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ވެސް ދައްކަމުންގެންދާ ވާހަކައާއި އެއްވާހަކައެއްކަމަށެވެ.
އަދި އޭނާ ވާހަކަދައްކަވާފައިވަނީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާންހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައިކަން ފާހަގަކުރެވޭކަމަށާއި ޤާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާޢަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް އޭނާ ބާރުއަޅުއްވާފައިކަން ފާހަގަ ކުރެވޭކަމަށް މިބަޔާނުގައިވެއެވެ.
ޤާނޫނުއަސާސީގައާއި ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުންކަމުގައި ދެކޭކަމަށާއި ފަނޑިޔާރުގެއާ މެދު ޚިޔާލުފާޅުކުރެއްވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކިފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ އަލްއުސްތާޛު ހުސްނުއް ސުޢޫދާއި އަދި އެތަކެއް ޤާނޫނީ ވަކީލުން ސަސްޕެންޑްކުރައްވާފައިވާކަން މިބަޔާނުގައިވެއެވެ.
އަދި މިބަޔާނިގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ދިވެހިރައްޔިތުންނާއި އަދި ބައިނަލްއަޤުވާމީ ފަރާތްތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ވަގުތުން އިސްލާޙުކުރުމަށް ގޮވާލަމުންދާކަމަށާއި މިގޮތން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު ވެސް މީގެ ކުރިން ވަނީ ރާއްޖެވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުޢީ ނިޒާމު އޮތް ޙާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާކަމަށްވެއެވެ.
މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ޤައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާޙުކުރެއްވުމަށް ގެންދަނީ ގޮވާލަމުންކަމަށް މިނޫސް ބަޔާނުގައި ބުނެފައިވެއެވެ.




