ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އަންހެން ބޭފުޅަކު ފެނިގެން ދިޔުމަކީ މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ދުންޔާ ވިދާޅުވެފައިވަނީ، "މިހުޅުވޭ މަޖިލިހުގައި އަންހެން ރައީސެއް ފެނިގެން ދިއުމަކީ މިންތީގެ ހަމަހަމަކަން ހާސިލްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް" ކަމަށެވެ. އަދި "މުސްތަޤްބަލްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންހެނުން ވާދަކުރުމަށް ލިބޭނެ ބޮޑު ހިތްވަަރެއް!" ކަމަށެވެ.
މިހުޅުވޭ މަޖިލިހުގައި އަންހެން ރައީސެއް ފެނިގެން ދިއުމަކީ މިންތީގެ ހަމަހަމަކަން ހާސިލްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް.
— Dunya Maumoon (@dunyamaumoon) April 24, 2019
އަދި މުސްތަޤްބަލްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންހެނުން ވާދަކުރުމަށް ލިބޭނެ ބޮޑު ހިތްވަަރެއް!
ދުންޔާ މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ރައީސަކު ހޮވުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ މެދުގައި ވާދަވެރިކަމެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ ތާރީހުގައި އަދި މިހާތަނައް އަންހެން ބޭފުޅަކު ރައީސްކަން ކޮށްފައެއް ނުވެއެވެ.