އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ޑިޖިޓަލް ލައިބްރަރީ، ”ނޮލެޖް ހަބް“ އާއި އިސްކަންދަރު އޮކެސްޓްރާ ބޭންޑް އަދި ”ސޭވިންގ އަވަރ ބިލަވްޑް ޕްލެނެޓް“ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް އިފްތިތާޙް ކޮށްދެއްވައިފައެވެ.
އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ދިން ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން އަރުވާފައިވާއިރު، އެސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި، ޙަވާލުކުރުންވެސް ވަނީ އިފްތިތާޙްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.




