މުޒާހަރާތަކާއި ގުޅިގެން މޮރަކޯގެ މިނިމަމް ވޭޖް މަތިކޮށްފި

މަސައްކަތްތެރިންގެ ހައްގުގައި މޮރަކޯގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ސަރުކާރުން މިނިމަމް ވޭޖުގެ އަދަދު މަތިކުރަން ނިންމައިފިއެވެ.

މޮރަކޯގެ ސަރުކާރުން ނިންމައިފައިވަނީ މިހާރު ކަނޑައަޅައިފައިވާ މިނިމަމް ވޭޖްގެ އަދަދު 10% އިތުރު ކުރުމަށެވެ. މޮރަކޯގެ މިނިމަމް ވޭޖަކީ މިހާރު މަހަކު 2570 ދިރުހަމެވެ. މިއީ 266 އެމެރިކާ ޑޮލަރެވެ.

މި ބޮޑުކުރި މިނިމަމް ވޭޖުގެ އަދަދަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ ޖުލައި މަހުން ފެށިގެންނެވެ. މޮރަކޯގެ ސަރުކާރުން ބުނެފައިވަނީ މި ބަދަލު ގެންނަން ނިންމީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ގައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ކަމަށެވެ.

މިނިމަމް ވޭޖް އިތުރުކުރުމަށް ސަރުކާރުން ނިންމައިފައިވަނީ މަސައްކަތްތެރިންގެ ގިނަ ޖަމުއިއްޔާތަކަކުން އެކަމަށް ޑިމާންޑުކޮށް އަދި ޓީޗަރުން މުޒާހަރާތަކުގައި ބައިވެރިވެ އެކަމުގެ ގެއްލުން ތައުލީމީ ދާއިރާއަށް ކުރަން ފަށައިފައި ވަނިކޮށެވެ. މިގޮތުން އިއްޔެވެސްވަނީ މޮރަކޯގެ ޕާލަމެންޓް ދަށުގައިވެސް މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާގައި 65 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މޮރަކޯގެ އެޑިޔުކޭޝަން މިނިސްޓަރ ސައިދު އަމްޒާޒީ ބުނެފައިވަނީ ޓީޗަރުން މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން މޮރަކޯގެ 7 މިލިއަން ކިޔަވާ ކުދިންގެ ތެރެއިން 7% ކުދިންނަށް އެކަމުގެ ގެއްލުންތައް ފޯރާފައި ވާކަމަށެވެ.

މޮރަކޯގެ ގިނަ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. 2018 ވަނަ އަހަރުން ހިޔުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި މޮރަކޯ އޮތީ 123 ވަނައިގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ