ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ދޭންފަށައިފި

ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްގީ ކޮށްފައިވާ ރޭޑިއޮލިޖީ ޑިޕާޓްމެންޓު ހުޅުވައިދެއްވާފައިވަނީ، މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންއެވެ. އެތަން ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ އެތަން ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ފަރުދީ ގޮތުން ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށާއި، ހޮސްޕިޓަލަކީ ފަރުވާގެ ފުރަތަމަ މަރުކަޒު ނޫން ކަމަށެވެ.

"ފަރުވާގެ ފުރަތަމަ ފިޔަވަޅަކި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީގޮތުން ކުރަންޖެހޭ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރޯދަ މަހާއި ވިއްސާރަ މޫސުމުގައި ކުރިމަތިވެދާނެ ބަލިތަކުން ސަލާމަތްވުމަށް ފަރުދީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ބަހައްޓާފައިވީނަމަވެސް، އެތަނުން ހިދުމަތް ނުދެވޭކަން ހުޅުމާލެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

"އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިން މިތަނުގައި ހުންނަތާ ދުވަސްތަކެއްވެއްޖެ. ވަރަށް ފާޑުވެސް އަމާޒުވިކަމެއް. މިއަދު ހަމައެކަނި އެމްއާރުއައިގެ ހިދުމަތް ފެށުނު ނަމަވެސް ވަރަށް އަވަހަށް މެމޮގްރަފީ އަދި ސީޓީ ސްކޭންގެ ހިދުމަތް ފެށޭނެ،" ނާހިދާ ވިދާޅުވިއެވެ.

ނާހިދާ ވިދާޅުވީ ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އާބާދީ އަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި ދަތިތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަށީގެންވާ، ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ރޭޑިއޮލިޖީ ޑިޕާޓުމެންޓުން މިހާރުވެސް އަލްޓްރާ ސައުޑް ސްކޭނުގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް