ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރުމާއި އިހުމާލުވުން ގިނަ - ރިޕޯޓް

ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަދި ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން ކުޑަކުދިންނާ މެދުގައި އިހުމާލުވުން ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އާއްމުކުރި، މިއަހަރުގެ މާރިޗު މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ މަހު އެކަނިވެސް ކުޑަކުދިންނާ ގުޅުންހުރި 131 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ.

މާރިޗު މަހު ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. 74 ފިރިހެން ކުދިންގެ މައްސަލަ ހުށަހެޅިފައިވާއިރު، 57 އަންހެން ކުދިންގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

މާރިޗު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމާއި، ޖިންސީ އަނިޔާކުރުމުގެ އިތުރުން ކުޑަކުދިންނާމ މެދުގައި އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން ބަލާއިރު ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 38 މައްސަލައަކާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ 32 މައްސަލައެއް ހުށަހެޅިފައިވާއިރު، އިހުމާލުވުމުގެ 35 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ވޭތުވެދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅޭ އެހެނިހެން މައްސަލަތަކަށް ބަލާއިރު، އިމޯޝަނަލް އެބިއުސްގެ 14 މައްސަލައަކާއި، ގެވެށި އަނިޔާގެ 6 މައްސައިގެ އިތުރުން ބުލީ ކުރުމާއި ފުރައްސާރަ ކުރުމުގެ 2 މައްސަލައަކާއި، ސައިބަރ ބުލީއިންގެ 3 މައްސަލަ އަދި އެހެނިހެން އެއް މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ މިޒާޖާއި ގުޅޭ މައްސަލަތަކަށް ބަލާއިރު، އާއިލާއާ ފިލައިގެން ދިއުމުގެ 5 މައްސަލައަކާއި، ސްކޫލަށް ދިއުމަށް އިންކާރު ކުރުމުގެ 4 މައްސަލައެއްގެ އިތުރުން އެހެނިހެން 6 މައްސަލައެއްވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ