ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅާއި ރ އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ.
ރޭ ފަތިހު 03:45 އިން މިއަދު ހެނދުނު 08:45 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ހއ އަތޮޅާއި ރ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވައިޓް އެލާޓްގައި ބުނެފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރުފަހު އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކެރި ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.