ގދ. ހުޅުވާރުލު ނަމަކަށް ކިޔާ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގްރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުން ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެކަކުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވާ ކަމަށެވެ.
ރޭ ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރުކޮށްފައި ވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ރާއްޖެ އެތެރެކޮށް އެއާޕޯޓެއް ހަދަމުން އަންނަ ގދ. މާވަރުލު ކައިރީގައި އޮންނަ ފަޅުރަށް ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނެބިސްއެވެ. މި މަސްތުވާތަކެތީގެ މަގުމަތީގެ އަގަށް 240.6 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.
ފުލުހުން ވިދާޅުވީ، ކަނޑުމަގުން އެތެރެކުރި މި މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިގެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ރޭ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ އެ މަސްތުވާތަކެތި އަތުލީ 72 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކުންނެވެ.





ހިޔާލު
Bandhuga bahahtaa