ޝަރީއަތުގައި އޮންނަ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ސްޓޭންޑް އެކި ފަހަރަށް ތަފާތުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައިކޯޓުން ދީފިއެވެ.
ސްޓޭންޑް ބަދަލުވާ މައްސަލައިގައި ހައިކޯޓުން ޕީޖީއަށް އިންޒާރު ދެއްވިއިރު، ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުން ރައީސް ޔާމީން ބަލިވިފަހުން ޕީޖީ ވަނީ ގިނަ މައްސަލަތަކެއްގައި އެ އޮފީހުން ގެންގުޅުނު ސްޓޭންޑް ބަދަލުކުރައްވާފައެވެ. އެގޮތަށް އަމަލުކުރައްވާފައިވާތީ މީގެ ކުރިން ސްޕްރީމް ކޯޓުންވެސް އެކަމާ މެދުގައި ސުވާލުއުފައްދާފައިވެއެވެ.
މިފަހުން ޕީޖީ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ކުރިމިނަލް ކޯޓާއި ހައިކޯޓުގައި އެ މައްސަލަ ސާބިތު ކުރަންޖެހޭ ގޮތަށް ވަކާލާތު ކުރެއްވުމަށްފަހު، ސްޓޭންޑް ބަދަލު ކުރައްވާ އެ މައްސަލަ ސާބިތު ނުވާކަމަށް ނިންމަވައިދެއްވުމަށް ސްޕްރީމް ކޯޓުގައި އެދިފައެވެ.
މިއަދު ހައިކޯޓުން ވަނީ އަދީބު ވެސް ހިމެނޭ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ ތެރެއިން ދައުވާ ކުރި ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމްގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވާފަ އެވެ. އެ އަޑުއެހުން ފެށުމަށް ފަހު ހުކުމް އިއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ޕީޖީއާ ސުވާލެއް ކުރެއްވީ އެ މައްސަލައިގައި ޕީޖީގެ ސްޓޭންޑާ މެދުގައެވެ.
އެ މައްސަލާގައި ޕީޖީގެ ސްޓޭންޑް އަދިވެސް އޮތީ ކުރިން އޮތް ގޮތަށްތޯ އެއްސެވުމުން ޕީޖީ އޮފީހުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ މި މައްސަލާގައި އިތުރު ސްޓޭންޑެއް ނެތް ކަމަށާއި، ޕީޖީއިން ވަކާލަތު ކުރަނީ އެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ކަމަށެވެ.
ދެން ފަނޑިޔާރު އެއްސެވީ، ދަށު މަރުހަލާތަކުގައި ވަކި ގޮތަކަށް ވަކާލާތު ކުރުމަށްފަހު އެއަށްވުރެ މަތީ މަރުހަލާތަކަށް ގޮސް ސްޓޭންޑް ބަދަލު ކުރުމަކީ ޕީޖީ ކުރާ ކަމެއްތޯ އެވެ؟ ޖަވާބުގައި ނައުޝާދު ވިދާޅުވީ އެގޮތަށް ސްޓޭންޑް ބަދަލު ނުކުރާ ކަމަށެވެ.
ނައުޝާދު އެހެން ވިދާޅުވުން، ފަނޑިޔާރު ވަނީ އެކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތަށް ސްޓޭންޑް ބަދަލު ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެގޮތަށް ޕީޖީ އަމަލު ކުރައްވާނަމަ، އެކަމަނާއަށް ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ކޯލިޝަންގެ މެންބަރެއް ހުށަހެޅުއްވި ނަމަވެސް ފަހުން އެ މައްސަލަ ވަނީ އަނބުރާ ނަގާފައެވެ.