ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް - ފޮޓޯ: ރައީސް އޮފީސް

ޒުވާނުން އަޒުމު ކަނޑައަޅަންވީ ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމަށް - ރައީސް

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ޒުވާނުން މިއަދު އަޒުމު ކަނޑައަޅަންވީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޤަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއްކަމުގައި ވީނަމަވެސް ވަކިކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ތިބޭ ޒުވާނުން މިހާރުވެސް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށެވެ.

ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަން ފާހަގަކުރައްވައި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ ޢާއިލާތަކަށް ދުވަހުގެ މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް