ރޯދައަށްހުރެ ޑައިލިސިސް ހަދައިފިނަމަ ރޯދަ ގެއްލޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރް ވިދާޅުވެއްޖެއެވެ.
ޝައިހް ސަމީރު މިހެން ވިދާޅުވެފައިވަނީ "ރޯދަމަހަށް ތައްޔާރުވުން" މި މައުޟޫއަށް މިރޭ އިޝާނަމާދަށް ފަހު މަސްޖިދުލް ފުރުޤާން މިސަކިތުގައި ދެއްވި ދަރުހެއްގައެވެ.
"ޑައިލިސިސް އަކީ ލޭގައި ސާފުކުރުމަށް ބޭނުންވާ މާއްދާތައް މެޝިނެއްގެ ޖަޒީއާއިން ސާފުކުރަނީ. އިލްމުވެރިންގެ ތަފްސީރުގައި ވިދާޅުވެފައިވަނީ ސާފުކުރުމަށް ފަހުގައި އަލުން ލޭ ހަށިގަނޑުގެ ތެރެއަަށް ވައްދާއިރުގައި އެ ލެއަށް އެބަ އަޅާކަމަށް ގުލްކޯޒް ކަހަލަ ހަށިގަނޑަށް ހަކަތަ ގެނެސްދޭ ބާވަތްތުގެ މާއްދާތައް. އެ މާއްދާތައް ލެއާ އެއްކޮށްފައި ކަމަށް ހަށިގަނޑުގެ ތެރެއަށް މި ފޮނުވަނީ. އެހެންވީމާ ޑައިލިސިސް ހެދީމައި ރޯދަ ގެއްލޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވޭ" ޝައިހް ސަމީރު ވިދާޅުވިއެވެ.
ޝައިހް ސަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައިވެސް ޑައިލިސިސް ހަދާ ގޮތަކީ އެއީ ކަމަށާއި އެހެންކަމުން ރާއްޖޭގައި ޑައިލިސިސް ހަދާ ފަރާތްތަކުގެ ރޯދަވެސް ގެއްލޭނެ ކަމަށެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޝާންމަސް ފެށޭނީ މިހިނގާ މެއި މަހުގެ ހަޔެއްވާ ހޯމަ ދުވަހުއެވެ.



