ލަލީގާގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

ސްޕެނިޝް ލަލީގާގައި ކުޅޭ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

ލަލީގާއިން މިގޮތަށް ނިންމާފައިވަނީ ލީގު ކުޅޭ ހުރިހާ ޓީމެއްގެ ޑޮކްޓަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ. އަލުންއެނބުރި ފަރިތަކުރުންތައް ފެށުމަށް ކްލަބުތަކުން ތައްޔާރުވަމުންދިޔަނަމަވެސް، ކުޅުންތެރިންގެ ސިއްޙީ ރައްކާތެރިކަމުގެ 100 ޕަސެންޓް ޔަޤީންކަން ދެވެން އަދިވެސް ނެތުމުން ހުރިހާ ޑޮކްޓަރުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ލަލީގާއިން ކުޅުންތެރިންގެ ތިން ޓެސްޓެއް ހެދުމަށް ނިންމާފައިވާއިރު، ފުރަތަމަ ހަދާނީ ޕީސީއާރު ޓެސްޓެކެވެ. އަދި އެއަށްފަހު ފަރިތަކުރުންތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންގެ އެންޓިބޮޑީ ޓެސްޓެއްވެސް ހެދުމަށް ލަލީގާއިން ނިންމާފައިވާއިރު، ލީގު އަލުން ފެއްޓުމުގެ ކުރިން ތިންވަނަ ޓެސްޓެއްވެސް ހަދަންވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިން ލޮކްޑައުންކޮށްފައިވާއިރު، ޓީމުތަކުގެ ފަރިތަކުރުންތައްވެސް މެދުކަނޑާލާފައެވެ. އަދި ފަރިތަކުންތައް އަލުން ފެއްޓޭނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ. އެހެންނަމަވެސް މެއި 4 ނުވަތަ 11 ގައި ފަރިތަކުރުންތައް އަލުން ފެއްޓޭނެކަމަށް ގިނަ ޓީމުތަކުން ޤަބޫލުކުރެއެވެ.

މީގެއިތުރުން 15 ދުވަހުގެ ނިޔަލަށް ދިގުދެމިގެންދާ ޕްރިސީޒަންއެއް ކުޅުމުގެ ވިސްނުމެއް ލަލީގާއިން ގެންގުޅޭއިރު، ކުރުމުއްދަތެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ ގިނަ މައްސަލަތަކާ ކުޅުންތެރިންނަށް ކުރިމަތިލާން ޖެހޭނެކަމަށް ގިނަ ޑޮކްޓަރުން ޤަބޫލުކުރެއެވެ.

ސްޕެއިންގައި ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް މިހާރުވަނީ މަޑުޖެހިފައެވެ. އިއްޔެ މިވައިރަހަށް ސްޕެއިނުން ޕޮޒިޓިވްވެފައިވަނީ 500 އަށްވުރެ މަދު އަދަދެކެވެ. މިހާތަނަށް ޖުމްލަ 208000 އަށްވުރެ ގިނަ މީހުން އެގައުމަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 21500 އަށްވުރެ ގިނަ މީހުން މިވައިރަހުގައި އެގައުމުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ