ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރު ފުޅުގައި އެމަނިކުފާނުވަނީ އެރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަވާފައެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް އެ ގައުމުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން އިއްޔެ ސްރީލަންކާގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއޭޓުން ބޭއްވެވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދެކަނބަލުންނެވެ.
މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މިމަޝްވަރާތަކުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ވަނީ ސްރީލަންކާގެ ރައީސް އެމަނިކުފާނުގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ރާއްޖެއިން ބޭރައް ކުރެއްވި ދެވަނަ ފުރަމާނަ ދަތުރުފުޅެވެ.