ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ކަރަށް ބާރުކުރަން ޤާނޫނުތައް ނުހަދާނަން - ރައީސް

ދިވެހި ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމަށް ހޯދާފައިވާ ކަމަށާއި، އެގޮތުން ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 120 ވަނައިން 98 ވަނައަށް ކުރިއަށް ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި އެންމެހައި ނޫސްވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވާނީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެކަން، ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހަދާނެކަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ، އެ ދައުލަތުގެ ކަންކަމާމެދު، ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުން ކަމަށާއި، ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ، ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިޞްލާޙް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ހުރިކަން ހަނދާން ކުރަންޖެހޭ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިންނާ މަތިކޮށްފައިވާ މުހިންމު ޒިންމާއަށް އިހުމާލުވެއްޖެނަމަ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް