ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ، މިނިވަން ނޫސްވެރިކަމުގެ ޒަރީޢާއިން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވެ، ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށެވެ.
"ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ، ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަޤްޞަދުގައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ތަޞްދީޤުކުރި ބިލަކީ އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލުކަން، ރައީސް ޞޯލިޙް ފާޙަގަކުރެއްވީ ވަރަށް އުފަލާ އެކުގައެވެ.
"ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ، މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް. ހަމައެއާއެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް، ސަރުކާރުން މި އަންނަނީ ފިޔަވަޅުތައް އަޅަމުން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ވީހާވެސް ދެފުށް ފެންނަ ގޮތަށް ކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.