ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އަދި އަމިއްލަ ސަބަބުތަކެއް ވެސް ހުރުމާ އެކު، ޒުވާން ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފް މުހައްމަދު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޯމަތިވެފައި އޮއްވާ ޓީމުން ވަކި އުމުރުން 23 އަހަރުގެ ތޯއިފް މިދިޔަ އަހަރު މޮރިޝަސް އިންޓަނޭޝަނަލް ސީރިސްގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކޮށްފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްގައި ވަޒީފާއަދާކުރާ ތޯއިފް ބެޑްމިންޓަން އެސޯސިއޭޝަނަށް ފޮނުވި ނޯޓިހުގައި ބުނެފައިވާ ގޮތުން ތޯއިފްވަނީ ތަޢުލީމު ޙާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދާން ނިންމާފައެވެ. އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު މަތީ ތަމްރީންތައް ކުރިއަށް ގެންގޮސްފިނަމަ އަނިޔާގެ މައްސަލަ އިތުރަށް ސީރިއަސް ވެދާނެކަމަށް ސިއްޙީ ތަޖުރިބާ ކާރުން ތޯއިފަށްވަނީ ލަފާދީފައެވެ. އަދި ތަމްރީން މާހައުލުގައި ހުރި މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހުރިހާ ލެވެލެއްގައި ވެސް، ތަފާތުކުރުންތަކާއި ވަކި އަތަކަށް ޖެހުން އޮތްކަމަށް ތޯއިފުގެ މިނޯޓިހުގައި ބުނެފައިވެއެވެ.
ބަލި ހާލަތު ހުރި ގޮތުންނާއި ކިޔަވަން ދާން ބޭނުންވާތީ ތޯއިފް ކުޅުން ހުއްޓާލަން ނިންމިކަން އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށާއި އޭނާ އެކުރާ ތުހުމަތުތަކުގެ އެއްވެސް ކަމެއް އެނގިފައި ނެތް ކަމަށް މިކަމާއި ގުޅިގެން ސުވާލުކުރުމުން ބެޑްމިންޓަން އެސޯސިއޭޝަނުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ތޯއިފް އިޝާރާތްކުރިއިރު، ހާޒިރީ މައްސަލައިގައި ބޭއިންސާފުން އަމަލުކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ފެބްރުއަރީ މަހު ފެންމަތިވި އެވެ. އެގޮތުން ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅަށް، އައިމިނަތު ނަބީހާ ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުން އޭނާ ސަސްޕެންޑްކުރި އެވެ. ފަހުން އޭނާގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.
މީގެ ހަ އަހަރު ކުރިން ގައުމީ ޓީމަށް ކުޅެން ފެށި ތޯއިފް އެންމެ ފުރަތަމަ ވިދާލީ 2015 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުންނެވެ. އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު، އަމިއްލަ ސަބަބަކާ ހުރެ ކުޅުމާ ދުރަށް ދާން ޖެހުމުން ތޯއިފްގެ ކެރިއަރަށް ހިޔަނިއެޅުނެވެ.
އެހެންނަމަވެސް 2017 ގައި އަލުން ކުޅެންފެށި ތޯއިފް އަހަރު އޮތް މޮރިޝަސް އިންޓަނޭޝަނަލް ސީރިސްގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކޮށް ގައުމީ ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް ރަން މެޑަލް ހޯދި އެވެ.
ތޯއިފު މިއަދު ގައުމީ ޓީމުގެ ރިޓަޔާމަންޓް އިޢުލާންކުރިއިރު މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާން އޮތީ އެންމެ ދެމަސް ދުވަހަށް ދުވަހެވެ.
"މި ނިންމުމާ ހަމަޔަށް އައުމަށް ވަރަށް ގިނަ ކަންކަން މެދުވެރިވި. އެކަމަކު މިއީ ހަގީގަތުގައި ވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅު ނިންމުން،" ތޯއިފް ބުންޏެވެ. "ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމަށް ކުޅެވުމަކީ އާދަޔާހިލާފު ބޮޑު ޝަރަފެއް."