ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު - ފޮޓޯ: މިހާރު

"ޓެރަރިޒަމްގެ މައުލޫމާތު ދޭ މީހުން ސިއްރުކުރާނަން"

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމުގެ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މަޢުލޫމާތު ސިއްރުކުރާނެ ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީ) އިން މިއަދު ބުނެފިއެވެ.

އެ އިދާރާ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މީހެއް ނުވަތަ ބައެއްގެ ފަރާތުން އާދަޔާ ހިލާފުކަމެއް ފެނިއްޖެނަމަ އެ މައުލޫމާތު ނެޝަނަލް ކައުންޓަރ ޓަރަރިޒަމް ސެންޓަރުގެ ހޮޓްލައިން 1615 ނުވަތަ info@nctc.gov.mv އާ ހިއްސާކުރަން އެދިލައްވާ ކަމަށެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުން އެހެން ވިދާޅުވެފައި މިވަނީ، މިިދިޔަ މަހު ސްރީލަންކާ އަށް ދިން ޓެރަރިޒަމްގެ ހަމަލާއަށް ފަހު ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށެވެ. ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ އެންމެންގެ ލޯތަކާއި ކަންފަތްތައް ބޮޑަށް ހުޅުވައި އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި. ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމުގެ އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް