އަސްކަރީ މަތިންދާބޯޓެއް 143 މީހުންނާއެކު ކޯރެއްގެ ތެރެއަށް ވެއްޓިއްޖެ

މަޔާމީގެ ބައިނަލްއަޤްވާމީ ވައިގެ މަތިންދާބޯޓެއް 143 މީހުންނާއެކު ރަންވޭމަތިން ކަހައިލައިގެންގޮސް ކޯރެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ މި ހާދިސާ ހިނގައިފައިވަނީ ފްލޮރިޑާގެ ސިޓީއެއްކަމުގައިވާ "ޖެކްސޮންވިލޭ" ގެ އެއާޕޯޓުގައެވެ.

136 ފަސިންޖަރުންނާއި 7 ކެބިންކުރޫއާއިއެކު ކިއުބާގެ "ގުއާންޓަނަމޯ ބޭ" އިން ދަތުރުކުރި މި އަސްކަރީ މަތިންދާ ބޯޓު، ފްލޮރިޑާގެ "ޖެކްސޮންވިލޭ" ގެ އެއާޕޯޓަށް ޖައްސާފައިވަނީ ހުކުރުދުވަހުގެ ރޭ ގާތްގަނޑަކަށް 9:40 ގައި ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. އަދި އެއާޕޯޓުގެ ރަންވޭއަށް ބޯޓު ޖެއްސި ވަގުތު ރަންވޭމަތިން ކަހައިލައިގެން ގޮސް ހުއްޓުނީ ކައިރީގައި އޮތް ކޯރަށެވެ. ނަމަވެސް ބޯޓު އެއްކޮށް ފެންގަނޑުގެ ތެރެއަށް ގޮސްފައެއް ނުވެއެވެ.

މި ހާދިސާގައި ބޯޓުގައި ތިބި އެއްވެސް ފަސިންޖަރަކަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާއިރު، ބޯޓުގައި ތިބި ހުރިހާ މީހުންވެސް ވަނީ ސަލާމަތްކުރެވިފައެވެ.

"ޖެކްސަންވިލޭ" ގެ ޝެރިފް ޑިޕާޓްމެންޓުން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގައި 21 މީހަކު ހޮސްޕިޓަލަށް ގެންދެވުނުނަމަވެސް އެ މީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ.

މި ހާދިސާ ދިމާވާން މެދުވެރި ސަބަބު ހޯދިފައިވާކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާއިރު، ބޯޓު ކޯރުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް