ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި 11 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި އަށް މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ޕީޕީއެމަށް ދޫކޮށްފިއެވެ.
މިގޮތުން މިފައިސާ ވަނީ ޕީޕީއެމް އަށް ދޫކުރިކަން ސިޓީއަކުން ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕީޕީއެމް އަށް އަންގައިފައެވެ. ޕީޕީއެމުންވެސް ބުނެފައިވަނީ ފައިސާ ޖަމާކުރުމަށް އެމްއެމްއޭ އަށް ފޮނުވައިފައިވާކަމަށް ސިޓީ ލިބިފައިވާ ކަމަށާއި ނަމަވެސް ފައިސާ ޖަމާވިކަމުގެ ލިޔުމެއް އަދި ނުލިބޭކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ފައިސާ ޖަމާކުރުމަށް ފޮނުވައިފައި މިވަނީ ޕީޕީއެމްގެ ފަރާތުން މިފައިސާ ހޯދުމަށް، މި ފައިސާ ދޫނުކޮށްގެން ޕީޕީއެމް ދަރަނިވެރިވެފައިވާ ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައި ވަނިކޮށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.
ޕީޕީއެމްގެ ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ



